ޒިކުރާ އިންޓަނޭޝަނަލް ކޮލެޖާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން، މުޖުތަމަޢުގައި ދީނީ ލޯބި އާލާކުރުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން، މިފަހަރުވެސް ފުވައްމުލަކުގެ މިސްކިތްތަކުގައި ޚާއްޞަ ދަރުސްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދަރުސްތައް ދެއްވީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 އިން 10 އަށެވެ. މި މުއްދަތުގެ ތެރޭގައި ފުވައްމުލަކުގެ ފަސް މިސްކިތެއްގައި ދަރުސްތައް ކުރިއަށް ގެންދެވުނެވެ. އެއީ މަސްޖިދުލް ޢާއިޝާ، ތައުބާ މިސްކިތް، މަސްޖިދުލް ހިދާޔާ، މަސްޖިދުލް އިނާރާ، އަދި މަސްޖިދުއްސަލާމްއެވެ. މި ހުރިހާ މިސްކިތެއްގައިވެސް ދަރުސްތައް ކުރިއަށް ގެންދެވުނީ ފަސް ނަމާދުގެ އެކި ވަގުތުތަކުގައެވެ. މީގެ އިތުރުން، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ފަރުވާތެރިވުމާއި ނަޒާހަތްތެރިކަމާ ބެހޭ ޚާއްޞަ ދަރުސެއްވެސް ކުރިއަށް ގެންދެވުނެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ ކޮންމެ މަހަކު އެއްފަހަރު، އެކި މައުޟޫޢުތަކާ ގުޅުވައިގެން މުވައްޒަފުންނަށް ޚާއްޞަކޮށްގެން ދީނީ ދަރުސްތައް ކުރިއަށްގެންދާ މުއައްސަސާއެކެވެ.